top of page
  • Writer's pictureAishath Azima Shakoor

ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ޗާގޮސްގެ މައްސަލަ


ޢާއިޝަތު ޢާޒިމާ ޝަކޫރު


މައްސަލަ

މިއީ، ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، (ITLOS) International Tribunal for the Law of the Sea އަށް ހުށަހަޅައިފައިވާ މައްސަލަ (Case No: 28, Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean) މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އަލީގައި އަޅުގަނޑަށް ފެންނަ ގޮތް ހާމަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެކެވެ.


މި ކަރުދާހުގެ ބޭނުމަކީ، މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތަކާ އަދި މީގެއިތުރުން ހަމަކޮންމެ ދިވެއްސަކާ ގުޅުންހުރި މައްސަލައަކަށްވެފައި، މިމައްސަލައިގެ ވަށައިގެން ހުރި މަޢުލޫމާތުތަކަކީ ހަމަ ކޮންމެ ދިވެއްސަކަށް އެނގުން މުހިންމު މަޢުލޫމާތުތަކެއްކަމުގައި އަޅުގަނޑަށް ފެންނާތީ، އަޅުގަނޑަށް ލިބި ހުރި ތަޢުލީމަކާއި ތަޖުރިބާއެއްގެ އަލީގައި އަޅުގަނޑަށް ފެނުނު އެއްޗެއް ޢާންމުކުރުމެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ ދުސްތޫރީ އަދި ޤާނޫނީ ޙުކުމްތައް، ދައުލަތް ހިންގަން ތިބި ބައެއްގެ ނަޒަރިއްޔާތު ފިޔަވައި، ޢިލްމީ އެހެން ނަޒަރަކުން ޢާންމުކޮށް ދަފްތަރުކުރުމަކީ، ކިޔަވާކުދިންނަށާއި، ކުރިޔަށް އޮތް ޖީލުތަކަށްވެސް މުހިންމުކަމެއް ކަމުގައި އަޅުގަނޑުދެކޭތީ އެކަންވެސް ޙާޞިލުކުރުމެވެ.


މި ކަރުދާހުގެ މައުޟޫއަކީ ޗާގޮސްގެ ޖަޒީރާތަކުގެ ކަނޑުގެ ސަރަޙައްދާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ފުށުއަރާ ސަރަޙައްދު ބައިކުރުމުގެ މައްސަލައެވެ. އެހެންކަމުން، މިކަރުދާހުގައި ޗާގޮސްގެ ޖަޒީރާތަކުގެ މިލްކުވެރިކަމުގެ މައްސަލައަށް އަދި ޗާގޮސްއަކީ ދިވެހިންގެ މިލްކުވެރިކަން އެ މައްޗަށް އޮތް ތަނެއްތޯ ކުރެވޭ ބަހުސަށް އަލިއަޅުވާލައިފައެއް ނުވާނެއެވެ.


ތަފްސީލު


(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ބ) ގައި، "ދިވެހިރާއްޖޭގެ ޠަބީޢީ މުއްސަނދިކަމާއި، ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ޚަބަރުފެތުރުމުގެ ވަސީލަތްތަކާއި، ހުރިހައި ބާވަތެއްގެ މުއާޞަލާތީ ޚިދުމަތްތައް ހަމަހަމަކަމާއެކު ބޭނުން" ކުރުމުގެ ޙައްޤު، ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިދީފައިވާ ހިނދު؛ އަދި


(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި " ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުއަޑީގެ ބިމުގައިވާ ދިރުންހުރި، އަދި ދިރުމެއްނެތް، ޠަބީޢީ، އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހިދައުލަތަށް" ކަމުގައި ބަޔާންކޮށްފައިވީ ހިނދު؛ އަދި


(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ސަރަޙައްދުގެ ރައްކައުތެރިކަން ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ އެންމެހައި، މީހުންނާއި ތަންތަނާއި ތަކެތީގެ ރައްކައުތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހިދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ނުދިޔުމަށް" ކަމުގައި ބަޔާންކޮށްފައި ވީހިނދު؛ އަދި


(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި، " ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ރަހުނުކުރަންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން" ކަމުގައި ބަޔާންކޮށްފައިވީ ހިނދު، އަދި


(ބ) ޤާނޫނު ނަންބަރު : 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި

"މި ޤާނޫނުގެ ތާވަލު 1 ގައި، ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން، މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދާއި، އެ ސަރަޙައްދުގެ ކަނޑުއަޑީގައިވާ ފަސްގަނޑަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު" ކަމުގައި ބަޔާންކޮށްފައިވީ ހިނދު؛ އަދި


(ޅ) ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގައި، " މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހިސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް މި ޤާނޫނު ހުރަހެއްނާޅާ" ކަމުގައި ބަޔާންކޮށްފައިވީ ހިނދު؛ އަދި


(ކ) ބުނެވިދިޔަ ޤާނޫނުގެ 8 ވަނަ މާއްދާގައި، "ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން" ކަމުގައި ބަޔާންކޮށްފައިވީ ހިނދު؛ އަދި


(އ) ޤާނޫނު ނަންބަރު : 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި "ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކައިލަންވާނީ، ނުވަތަ ކުއްޔަށްދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތައިލާންވާނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެ މަތިން، މިކަންކަން ކުރުމަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިން" ކަމުގައި ބަޔާންކޮށްފައިވީ ހިނދު؛ އަދި


(ވ) United Nations Convention on the Law of the Sea މުޢާހަދާ (އ.ދ ގެ، ކަނޑުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ) ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް އަދި ތަޞްދީޤުކޮށް، އެ މުޢާހަދާގައި ބައިވެރިވުމުގެ ސަބަބުން އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ހަމަތަކާއި އުޞޫލުތައް އެއީ ދިވެހިރާއްޖެއިން ޤަބޫލުކޮށްފައިވާ ކަންކަން ކަމުގައިވާ ހިނދު؛ އަދި އެ މުޢާހަދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ޗާޓުތައް/ ކޯޑިނޭޓްތައް، އ.ދ އަށް ހުށަހަޅައި ޑިޕޮސިޓްކޮށްފައިވީ ހިނދު؛ އަދި


(މ) މަތީގައި މި ނަންގަނެވުނު ޗާޓުތަކަކީ، ޤާނޫނުގެ ނަންބަރު : 96/6 ( ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) 2 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ އެތެރޭކަނޑުގެ ޗާޓާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ކަނޑުގެ ސަރަޙައްދުގެ ޗާޓާއި، މި ޤާނޫނުގެ 4 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ޗާޓާއި، އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ގުޅިފައިވާ ސަރަޙައްދުގެ ޗާޓާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ޗާޓުތައް ކަމުގައިވީ ހިނދު؛


(ފ) United Nations Convention on the Law of the Sea ގެ ދަށުން، ޤައުމުތަކުން އެ ޤައުމެއްގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން އ.ދ އަށް ހުށަހަޅާ ނުވަތަ ޑިޕޮސިޓްކުރާ ޗާޓުތަކަކީ މި މުޢާހަދާގެ ދަށުން އަދި ބައިނަލްއަޤްވާމީ އުޞޫލުތަކުގެދަށުން އެ ޤައުމުތަކަށް ލިބިދޭ ކަނޑުގެ ސަރަޙައްދުތައް ކަމުގައިވީ ހިނދު؛ އަދި މި ސަރަޙައްދުތައް ބަދަލުކުރެވޭނޭ ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކަކީ އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އަދި އެ މުޢާހަދާއިން ފުރުޞަތުދޭ ބައިނަލްއަޤްވާމީ ކޯޓެއް ނުވަތަ އެފަދަ މުއައްސަސާއެއްގެ ޙުކުމަކުން ނުވަތަ ނިންމުމަކުން ނިންމައިގެން ކަމުގައިވީ ހިނދު؛ އަދި


(ދ) United Nations on the Law of the Sea ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅައިފައިވާ ޗާޓުތައް ބަދަލުކުރުމަށް ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނީ ޙުކުމެއް ކުރެވިފައިނުވާ ހިނދު؛


(ތ) ކަނޑުތަކާބެހޭ އ.ދގެ މުޢާހަދާގެ ދަށުން، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ޗާޓުތަކާއި ކޯޑިނޭޓްސްތައް Commission on the Limits of the Continental Shelf އަށް ހުށަހެޅިއިރު، އެ ހުށަހެޅުމުގައި[1] ހިމަނައިފައިވާ ޗާޓުތަކުގައި ދިވެހިރާއްޖޭގެ ދެކުނުން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުވެސް

ހިމަނައިފައިވީ ހިނދު؛


އަންނަނވި ސަބަބުތަކަށްޓަކައި ދިވެހިދައުލަތުގެ ފަރާތުން (ITLOS) އަށް މޮރިޝަސްގެ ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ މައްސަލައިގައި ދައުލަތުން ނަގައިފައިވާ ސްޓޭންޑާއި ބެހޭގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.


1. އ.ދ ގެ، ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އަކީ، ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާއި، އެ ސަރަޙައްދުތަކުގައި ޤައުމުތަކަށް ލިބިފައިވާ ޙައްޤުތަކާއި އަދި އެ ސަރަޙައްދުތަކުގެ ކަނޑުގައާއި ކަނޑުގެ އަޑީގައި ހުރި ދިރުންހުރި އަދި ދިރުމެއްނެތް ތަކެއްޗާ ބެހޭގޮތުން، ޤައުމުތަކުގެ ޙައްޤުތައް ކަނޑައަޅައިފައިވާ ބައިނަލްއަޤްވާމީ ޤާނޫނުކަމާއި، ދިވެހިރާއްޖެއަކީ މި މުޢާހަދާގައި ސޮއިކޮށް ތަޞްދީޤުކޮށްފައިވާ އެ މުޢާހަދާގެ މެންބަރު ޤައުމެއްކަން ފާހަގަކުރަމެވެ.


2. އ.ދ ގެ، ކަނޑުގެ ސަރަޙައްދުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށްފަހު، އެ މުޢާހަދާގެ ދަށުން ދިވެހިރާއްޖެއަށް ލިބިދޭ ޙައްޤުތައް ޤާނޫނީ ގޮތުން ލިބިގަތުމަށްޓަކައި، ކަމާބެހޭ ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުވަނީ އެކުލަވައިލެވިފައިކަމާއި، މިގޮތުން، ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) އެކުލަވައިލެވި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަމާއި، މިގޮތުން މިދެންނެވި ޤާނޫނުގެ އަންނަނިވި މާއްދާތައް ފާހަގަކުރަމެވެ.


(ހ) ލޯ އޮފް ދަ ސީޒް ކޮންވެންޝަނުގެ ދަށުން ޤައުމުތަކަށް ލިބިދޭ Internal Waters މި ޤާނޫނުގެ 2 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ އެތެރޭ ކަނޑުގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅައިފައިވާކަން.

(ށ) ލޯ އޮފް ދަ ސީޒް ކޮންވެންޝަނުގެ ދަށުން ޤައުމުތަކަށް ލިބިދޭ Archipelagic Waters ޤާނޫނުގެ 3 ވަނަ މާއްދާއިން އާކިޕެލަޖިކް ކަނޑުގެ ގޮތުގައި ކަނޑައަޅައިފައިވާކަން.

(ނ) ލޯ އޮފް ދަ ސީޒް ކޮންވެންޝަނުގެ ދަށުން ޤައުމުތަކަށް Territorial Waters، ގެ ގޮތުގައި ލިބިދޭ 12 ނޯޓިކަލް މޭލު، ޤާނޫނުގެ 4 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ގޮތުގައި ކަނޑައަޅައިފައިވާކަން.

(ރ) ލޯ އޮފް ދަ ސީޒް ކޮންވެންޝަނުގެ ދަށުން ޤައުމުތަކަށް ލިބިދޭ 12 ނޯޓިކަލް މޭލު، Contiguous Zone ގެ ގޮތުގައި ޤާނޫނުގެ 5 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑުގެ ގޮތުގައި ކަނޑައަޅައިފައިވާކަން.

(ބ) ކޮންވެންޝަނުގެ ދަށުން ޤައުމުތަކަށް ލިބިދޭ Exclusive Economic Zone ގެ ގޮތުގައި، އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 200 ނޯޓިކަލް މޭލު، ޤާނޫނުގެ 6 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅައިފައިވާކަން.


3. ކަނޑުގެ ސަރަޙައްދުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ދިވެހިރާއްޖެ ބައިވެރިވުމަށްފަހު، އެ މުޢާހަދާގެ ދަށުން ލިބިދޭ ޙައްޤުތައް ލިބިގަތުމަށްޓަކައި އިޖުރާއީގޮތުން، ޤައުމުތަކުގެ ކަނޑުތަކުގެ ސަރަޙައްދުތައް އ.ދ ގައި ޑިޕޮސިޓްކުރަންޖެހޭ ކަމާއި، މިގޮތުން މިކަމަށް ބޭނުންވާ، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްފަހު، އެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކޮށްފައިވާ ޗާޓުތައް އަދި ކޯޑިނޭޓްތަކުގެ ލިސްޓު އ.ދ ގައި ޑިޕޮސިޓްކުރެވިފައިވާކަން.


4. އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ވަނީ، ކަނޑުގެ ސަރަޙައްދުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައަޅައި، އ.ދގައި ޑިޕޮސިޓްކޮށްފައިކަމުން، މިހާރު ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނު) ގައި ކަނޑައަޅައިފައިވާ އެ ސަރަޙައްދުތައްވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނީ އޮނގަނޑުތަކާއެއްގޮތަށް ކަނޑައެޅިފައިކަން.


5. މަތީގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދި އިޖުރާއީ ކަންކަން ބައިނަލްއަޤްވާމީ އަދި ޤައުމީ ޤާނޫނީ އޮނިގަނޑުތަކާއެއްގޮތަށް ކަނޑައަޅައިފައިވުމުން، މިދެންނެވި ސަރަޙައްދުތަކަށް ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިދައުލަތުގެ ސިޔާދަތީ އަދި ޤާނޫނީ ބާރުތައް ހިނގާކަމާއި، މިގޮތުގެ މަތިން، އެ ހިނދުން ފެށިގެން ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުން، ދިވެހިރާއްޖޭގެ ޚާއްޞާ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން އެ ސަރަޙައްދުތައް ދަނީ ބަލަހައްޓަމުންކަން.


6. މީގެ އިތުރުން، ކަނޑުތަކާބެހޭ އ.ދގެ މުޢާހަދާގެ ދަށުން، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ޗާޓުތަކާއި އަދި ކޯޑިނޭޓްސްތައް 2010 ވަނަ އަހަރުގެ ޖުލައިމަހު ހުށަހެޅިއިރު، އެ ހުށަހެޅުމުގައި (Submission by the Republic of Maldives to the Commission on the Limits of the Continental Shelf) ގެ ލިޔުމުގައި ހިމަނައިފައިވާ ޗާޓުތަކުގައިވެސް[2]ދިވެހިރާއްޖޭގެ ދެކުނުން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ 200 މޭލުފުރިހަމައަށް ފާހަގަކޮށްފައިވާކަމާއި، އެހެންކަމުން 2010 ވަނަ އަހަރުވެސް ދިވެހިރާއްޖެއިން ބަލައިގަނެ ގެންގުޅެފައިވާ އުޞޫލަކީ އައްޑުއަތޮޅާއި ޗާގޮސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަޙައްދުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އެއީ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން ފުރިހަމަ 200 ނޯޓިކަލް މޭލު ކަން.


7. އަދި އިސްވެ ދެންނެވުނު، 2010 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ސަބްމިޝަންގައި ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ގޮތުގައި ކަނޑައަޅާ ބައިގެ ތެރެއިން، އާކިޕެލަޖިސް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުން ބޭރުގެ ބައިތައް ލިބިގަންނަން ހުށަހަޅައިފައިވާ ޗާޓުތަކަކީ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އެއީ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 200 މޭލުކަމުގައި ކަނޑައަޅައިފައިވާ ޗާޓުތަކެއްގެ މައްޗަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކެއް ކަމަށްވާއިރު، މޮރިޝަސް އިން މިހާރު ހުށަހަޅައިފައިވާ މައްސަލައިގައި ދިވެހި ދައުލަތުން ޤަބޫލުކޮށްފައިވާ ގޮތަށް ކަނޑުގެ ސަރަޙައްދު ބަހާނަމަ، 2010 ވަނައަހަރު ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގައި ދައުލަތުން ހުށަހަޅައިފައިވާ ހުށަހެޅުމާ ތަޢާރުޒުވާނެކަން. [3] މީގެއިތުރުން، މިމައްސަލައަކީ އަދި ނުނިމިވާ މައްސަލައެއްކަމަށްވުމުން، މިކަމުގެ ސަބަބުން މައްސަލައިގެ ނަތީޖާއަށް އަސަރުކުރުމުގެ ފުރުޞަތުއޮތްކަން.


8. އިސްވެ ދެންނެވުނު ޤާނޫނީ އޮނިގަނޑުތައް މިގޮތުގެ މަތިން ހަމަޖެހިފައިވަނިކޮށް، 2019 ވަނައަހަރު ދިވެހިދައުލަތުގެ މައްޗަށް މޮރިޝަސްގެ ދައުލަތުގެ ފަރާތުންވަނީ International Tribunal for the Law of the Sea ގައި ދަޢުވާއެއް އުފުލައިފައެވެ. [4]މިއީ، އައްޑުއަތޮޅުގެ ދެކުނުގައިވާ ޗާގޮސް އައިލަންޑާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު ބެހުމުގެ މައްސަލައެކެވެ. މިމައްސަލައިގައި މޮރިޝަސްގެ ދައުލަތުގެ ދަޢުވާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަޙައްދު އެ ޤައުމުން ހުށަހަޅާ ޕޮއިންޓަކުން Blenheim Reef(ބްލެންހައިމް ފަރު) ފެށިގެން، ދެ ޤައުމުގެ މެދުގައި ހަމަހަމައަށް ބަހައިލަންޖެހޭނޭ ކަމަށެވެ. އަދި މި މައްސަލައަކީ މިގޮތަށް ބަހައިލުމަށް International Tribunal for the Law of the Seas (ITLOS) ގެ ޙުކުމެއް ހޯދުމަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.


9. މި މައްސަލައިގައިވާ ލިޔުންތަކަށް ބަލާއިރު، ފަރަޤު އުފެދިފައިވަނީ ޗާގޮސް އައިލަންޑްސްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމަށްޓަކައި ކަނޑައަޅާ ބޭސްލައިންތަކަކީ ކޮބައިތޯ ކަމާމެދުކަން ފާހަގަކުރެވެއެވެ. މިގޮތުން، މޮރިޝަސް އިން ހުށަހަޅައިފައިވަނީ ޗާގޮސް އައިލަންޑްސްގެ Blenheim Reef (ބްލެންހައިމް ފަރު) ގައި ޤާއިމުކުރާ ބޭސް އާކިޕެލަޖިކް ބޭސްޕޮއިންޓްތަކުން ފެށިގެން ޗާގޮސްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ގުނަން ފަށައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ދެމެދު ފުށުއަރާ ސަރަޙައްދު ހަމަޔަށް ބެހުމަށްކަމަށް ވާއިރު، ބްލެންހައިމް ފަރުން ފެށިގެން ބޭސްޕޮއިންޓްތައް ކަނޑައަޅަން ދިވެހިދައުލަތުން އެއްބަސްނުވާ ކަމަށާއި، ބޭސްލައިންތައް ކަނޑައަޅަން ދިވެހި ދައުލަތުން ހުށަހަޅާ ބޭސްޕޮއިންޓްތަކަކީ، ބްލެންހައިމް ފަރުގެ އެއްގަމަށް (މޮރިޝަސްއާ ވީ ފަރާތަށް) އޮތް Peros Banhos (ޕެރޮސް ބަންހޮސް) ކިޔުނު އަތޮޅާއި ސެލޮމޮން އައިލަންޑްސް އޭ ކިޔުނު އަތޮޅުގައި ފާހަގަކުރާ ބޭސްޕޮއިންޓްތަކަކުން ޗާގޮސް އައިލަންޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ގުނައި، ދެ ޤައުމުގެ މެދުގައި ފުށުއަރާ ސަރަޙައްދު ހަމަޔަށް ބައިކުރަންކަން ފާހަގަކުރެވެއެވެ.[5]

10.މިމައްސަލައިގައި ދިވެހި ދައުލަތުން ނަގައިފައިވާ ސްޓޭންޑާއި ދައްކައިފައިވާ ވާހަކަތަކާބެހޭ ގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.


(ހ) ދިވެހިދައުލަތުގެ މި ސްޓޭންޑަކީ، 1994 އިން ފެށިގެން މިމައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅެފައިވާ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ފުރިހަމަ 200 ނޯޓިކަލް މޭލު ލިބިގަތުމުގެ ސިޔާސަތު ދޫކޮށްލައި، ދިވެހިރާއްޖެއިން އެއްބަސްވެފައިނުވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާ ސަރަޙައްދު ދެ ޤައުމުގެ މެދުގައި ހަމަހަމަޔަށް ބެހުމުގެ އުޞޫލަށް އެއްބަސްވި އެއްބަސްވުމަކަށްވާކަން.


(ށ) ދިވެހި ދައުލަތުން ހުށަހަޅައިފައިވާ ސްޓޭންޑުގައިވާ ގޮތަށް ކަނޑުގެ ސަރަޙައްދު ބަހައިލައިފިނަމަ، މިއީ ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއިން ކަނޑައަޅައި، ދިވެހިރާއްޖެއިން އ.ދ ގައި ޑިޕޮސިޓްކޮށްފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް އުނިވާނޭ ސްޓޭންޑަކަށްވާކަން.


(ނ) މަތީގައިވާ ގޮތަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އާކިޕެލަޖިސް ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލު ނޫންގޮތަކަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައަޅަން ފުރުޞަތު ލިބިދެނީ އެންމެ ޙާލަތެއްގައި ކަމަށާއި، އެއީ އެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ފަދައިން ދިވެހިރާއްޖެއާއި އެހެން ޤައުމަކާދެމެދު އެއްބަސްވުމެއް ވެފައިވާ ޙާލަތުގައި ކަމުގައިވާކަން.

(ރ) މި ޤާނޫނުގައި މިހެން އޮތްކަމުގައިވީ ނަމަވެސް، މި ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ފަދަ އެއްބަސްވުމެއް ދިވެހިރާއްޖެއާއި މޮރިޝަސް އާ ދެމެދު ނުވަތަ އެހެން އެއްވެސް ޤައުމަކާ ދެމެދުވިޔަސް ވެވިފައިނުވާކަމާއި އަދި މި ފަދަ އެއްބަސްވުމެއް އޮތްކަމަށް ދިވެހިރާއްޖެއިން މި މައްސަލައިގައި ހުށަހަޅައިފައިވާ އެއްވެސް ލިޔުމެއްގައި ހާމަކޮށްފައި ނުވާކަން.


11.މިހެންކަމުން އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލަށް ދެމިފައިވާ ކަނޑުގެ ސަރަޙައްދަކީ، ޤާނޫނު ނަންބަރު: 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމުގައި ބަލަންޖެހެއެވެ. އަދި، މިނޫން ގޮތަކަށް އޮތް ކަމާބެހޭ ބައިނަލްއަޤްވާމީ ކޯޓެއްގެ ޙުކުމެއް ނެތިފައި، ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އެއްބަސްވުމެއް ނެތުމުން، މިނޫންގޮތަކަށް ދިވެހިދައުލަތުން އެއްވެސް ލިޔުމެއްގައިވިޔަސް ނުވަތަ މައްސަލައެއްގައިވިޔަސް ވަކާލާތުކޮށް ނުވަތަ ވާހަކައެއް ދެއްކުމަކީ (ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ފަދަ އެއްބަސްވުމެއް ވެފައިވާ ޙާލަތުގައި ފިޔަވައި) ކުރެވިދާނޭ ކަމެއްނޫނެވެ.


12.މަތީގައި ބަޔާންކޮށްފައިވާ ކަންކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައިވާ ޙުކުމް، މި ސަރަޙައްދަށް ހިނގާނޭ ކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. އެ މާއްދާގައި ބަޔާންކުރެވިފައިވަނީ :-


"ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި އަދި ދިރުމެއްނެތް، ޠަބީޢީ، އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހި ދައުލަތަށެވެ." މިހެންނެވެ.


13.މިހެންކަމުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި، ޤާނޫނު ނަންބަރު: 96/6 ގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި، އ.ދ އަށް ޑިޕޮސިޓް ކޮށްފައިވާ ގޮތަށް އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން، 200 ނޯޓިކަލް މޭލާއި އެ ސަރަޙައްދުގެތެރޭގައި ހިމެނޭ ކަނޑުގައާއި ކަނޑުގެ އަޑީގައި އަދި ބިމުގައިވާ ހުރިހާ އެއްޗަކީ ދިވެހި ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދާކަމުގައިވީ ހިނދު، އެ މުދަލުން ތަޞައްރުފު ކުރުމުގައި ޤާނޫނު ނަންބަރު: 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައި ހުރި ދިވެހިދައުލަތުގެ މުދަލާބެހޭ ޙުކުމްތައް ހިނގާނެއެވެ. އަދި ދިވެހިދައުލަތުގެ މުދަލާބެހޭ ގޮތުން ޢަމަލުކުރަންޖެހޭ އެހެނިހެން އިޖުރާޢަތުތައްވެސް މި މުޢާމަލާތުގެ މައްޗަށް ހިނގާނެއެވެ.


14. މޮރިޝަސް އިން ހުށަހަޅައިފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ހުށަހަޅައިފައިވާ ހުށަހެޅުންތަކުގައި ނަގައިފައިވާ ސްޓޭންޑްތަކަކީ، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ކަނޑައަޅައިފައިވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ އެއްގޮތް ސްޓޭންޑެއްނޫނެވެ. އަދި އެއާ ޚިލާފަށް، އެއީ އެ ސަރަޙައްދުން ބޮޑުބައެއް އުނިވާނޭ ސްޓޭންޑެކެވެ. އެހެންކަމުން، އަންނިވި ސަބަބުތަކަށްޓަކައި އެއީ ދިވެހި ދައުލަތަށް ނެގޭނޭ ސްޓޭންޑެއް ނޫންކަމުގައި ބަލަންޖެހެއެވެ.(ހ) ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ އާކިޕެލަޖިސް ބޭސްލައިންއިން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަޙައްދުކަމުގައި ކަނޑައަޅައިފައިވަނީ، ޤާނޫނެއްގެ ސާފު ނައްޞުންކަމުގައި ވުމުން، ޤާނޫނު އިޞްލާޙުކުރެވިގެން މެނުވީ، ނުވަތަ ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ހަދައިފައިވާ އެއްބަސްވުމެއްގެ ތެރެއިން މެނުވީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅައިފައިވާ ސަރަޙައްދުން އެއްވެސް ބައެއް ދޫކޮށްލުމަށް ދިވެހި ދައުލަތަށް އެއްބަސްނުވެވޭނޭކަން.


(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި، "ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި، އަދި ދިރުމެއްނެތް، ޠަބީޢީ، އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހިދައުލަތަށް" ކަމުގައި ކަނޑައަޅައިފައިވަނިކޮށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ އޮނިގަނޑު ނުވަތަ އެނޫންވެސް ދިވެހިދައުލަތުގެ މުދަލާމެދު ކަންކުރަންއޮންނަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މެނުވީ ދައުލަތުގެ މުދަލެއް ދޫކޮށްލަން އެއްބަސް ނުވެވޭނޭކަން.


(ނ) ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ހިމެނޭ ކަނޑުގެ ސަރަޙައްދަކީ ދެކުނުގެ މަސްވެރިން، ޚާއްޞަގޮތެއްގައި އައްޑުއަތޮޅުގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަޙައްދަކަށްވުމާއެކު، އެ ސަރަޙައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އަދި އެ ސަރަޙައްދުން މަސްވެރިކަންކުރާ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށްވާނޭކަން.


(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ލިބިގަތުމަށް ހުށަހަޅައިފައިވާ މޮރިޝަސްއަކީ، ކަނޑުގެ ސަރަޙައްދުން ދާއަޅައިގެން މަސްވެރިކަން ކުރުމަށް ޤައުމުތަކަށް ލައިސަންސް ދިނުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމަކަށްވެފައި، މީގެ އިތުރުން، ޗާގޯސް އައިލަންޑްސްއަކީ އިންސާނުން އާބާދުވެ އާބާދީއެއްގެ ސިފައިގައި ނުވަތަ ޤައުމެއްގެ ސިފައިގައި ހިނގަމުން އަންނަ "ޤައުމަކަށް" ނުވާހިނދު، މި ސަރަޙައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރުމަކީ އެ ސަރަޙައްދު ލިބިއްޖެނަމަ މޮރިޝަސް އިން ކުރުން އެކަށޭނަކަމެއް ކަމަށް ޤަބޫލުކުރަންޖެހޭ ކަމަކަށްވާއިރު، މިކަމުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އަދި ޚާއްޞަކޮށް އައްޑުއަތޮޅުގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުންވާނޭކަން.

(ބ) އިންޓަރނޭޝަނަލް ޓްރައިބިޔުނަލް ފޮރ ދަ ލޯ އޮފް ދަ ސީޒްއަށް މޮރިޝަސް އިން ހުށަހަޅައިފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ޤާނޫނުގެ ދަށުން ލިބިގަނެފައިވާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ލިބިގަތުމަށް އެދިފައިވާ ކަނޑުގެ ސަރަޙައްދަކީ އެ ސަރަޙައްދުގައި ހުރި އަދި ނެތް އެއްޗެއްވިޔަސް ހޯދައި ބަލައި، ޑޮކިޔުމަންޓްކުރެވިފައިވާ ސަރަޙައްދަކަށް ނުވާއިރު، އެ ސަރަޙައްދުގެ ކަނޑުގައިވާ ކަނޑުރޯދި (މަސްމަހާމެހި، މަޢުދަނު، ތެލާއި އަދި ގޭސް ވިޔަސް) ހުރުމަކީ އެކަށީގެންނުވާކަމަކަށް ނުވާއިރު، ކަމާބެހޭ ބައިނަލްއަޤްވާމީ ނުވަތަ ދިވެހިރާއްޖޭގެ ކޯޓެއްގެ ޙުކުމެއްނެތި މިފަދަ ސަރަޙައްދެއް އެކުގައި ދޫކޮށްލުމަށް އެއްބަސްވުމަކީ، ދިވެހި ސަރުކާރު ހިންގަންތިބި ބަޔަކަށް ނުވަތަ ދައުލަތުގެ ބަންޑާރަނާއިބަށް ޤާނޫނީގޮތުން ކުރެވޭނޭކަމަކަށް ނުވާކަން.


(ޅ) އިސްވެ ދެންނެވުނު، 2010 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ސަބްމިޝަންގައި ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުގެ ގޮތުގައި ކަނޑައަޅާ ބައިގެ ތެރެއިން، އާކިޕެލަޖިސް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުން ބޭރުގެ ބައިތައް ލިބިގަންނަން ހުށަހަޅައިފައިވާ ޗާޓުތަކަކީ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އެއީ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 200 މޭލުކަމުގައި ކަނޑައަޅައިފައިވާ ޗާޓުތަކެއްގެ މައްޗަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކެއް ކަމަށްވާއިރު، މޮރިޝަސް އިން މިހާރު ހުށަހަޅައިފައިވާ މައްސަލައިގައި ދިވެހި ދައުލަތުން ޤަބޫލުކޮށްފައިވާ ގޮތަށް ކަނޑުގެ ސަރަޙައްދު ބަހާނަމަ، 2010 ވަނައަހަރު ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމުގައި ދައުލަތުން ހުށަހަޅައިފައިވާ ހުށަހެޅުމާ ތަޢާރުޒުވާނެކަން. އަދި މިމައްސަލައަކީ އަދި ނުނިމިވާ މައްސަލައެއްކަމާ އެކު، މިކަމުގެ ސަބަބުން މައްސަލައިގެ ނަތީޖާއަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަން.


މިހެންކަމުން، މަތީގައި ބަޔާންކޮށްފައިވާ ކަންކަން، މަތީގައި ބަޔާންކޮށްފައިވާ މަގުން ހުރުމުން، ދިވެހިދައުލަތުގެ މައްޗަށް މޮރިޝަސްގެ ދައުލަތުން International Tribunal on the Law of the Sea (ITLOS) އަށް ހުށަހަޅައިފައިވާ މައްސަލައިގައި ދިވެހިދައުލަތުން ނަގައިފައިވާ ސްޓޭންޑަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތް ސްޓޭންޑެއްނޫންކަމާއި، ދިވެހިދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް އެންމެ ފުރިހަމަޔަށް ރައްކައުތެރިކުރެވޭނޭ މޭރުމަކުން ނަގައިފައިވާ ސްޓޭންޑެއްނޫންކަމުގައި ބުނަން ޖެހެއެވެ. އަދި ކަމާބެހޭ (ބައިނަލްއަޤްވާމީ) ކޯޓަކުން އެހެން ގޮތަކަށް ނިންމައިފައި ނުވާހައި ހިނދަކު، ދިވެހިދައުލަތުގެ ވާހަކަތަކާއި ހުށަހެޅުންތައް އަދި ސްޓޭންޑްތައް ހުންނާންވާނީ، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ދައުލަތަށް އެންމެ ބޮޑު މަންފާއެއް ލިބޭނޭގޮތަކަށް ބައްޓަންކުރެވިފައި ކަމުގައިވެސް ދެކެމެވެ.


އަދި މިމައްސަލައިގައި International Tribunal for the Law of the Sea އިން ނެރޭނޭ ޙުކުމަކީ ދިވެހިދައުލަތުގެ މައްޗަށް އެމައްޗަށް ޢަމަލުކުރުން ލާޒިމުވާނޭ ޙުކުމަކަށްވާއިރު، މިމައްސަލައިގައި ކޯޓުން ގޮތެއް ނިންމެވުމުގެ ކުރިން ދިވެހިދައުލަތަށް ފިޔަވަޅު އެޅުއްވުމުގެ ދޮރު ބަންދުނުވާނޭ ކަމާއި، އަދި އޭގެ ކުރިން މިމައްސަލައިގައި ފިޔަވަޅު އެޅުއްވުން މުހިންމުކަމުގައިވެސް ދެކެމެވެ.

_________

15 ޖަނަވަރީ 2023[1] Submission by the Republic of Maldives to the Commission on the Limits of the Continental Shelf. Executive Summary. MAL-ES-DOC (July 2010) [2] Map 1 The Outer Limits of the continental shelf of the Republic of Maldives showing the outer limit line and area of continental shelf extending beyond 200M from the territorial sea baseline. [3] Map 2. Outer limits of the continental shelf of the Republic of Maldives and provisions of Article 76 invoked. [4] Case No : 28, Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives) [5] Counter Memorial of the Republic of Maldives. Vol 1 Point 116-151 Rejoinder of the Republic of Maldives Vol 1. Point 80

1,145 views0 comments
bottom of page