top of page
  • Writer's pictureAishath Azima Shakoor

ޢިލްމީ ބަހުސް

ޢިލްމީ ބަހުސް މި ސިލްސިލާއަކީ، ޤައުމީ ބޮޑެތި މައްސަލަތަކަށް އަދި ސިޔާސަތުތަކަށް ޢިލްމީ އަދި ފަންނީ ނަޒަރަކުން ބަލައި ޢިލްމީ އަދި ފަންނީ ރައުޔު، ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމުގެ މަޤްޞަދުގައި ފަށާ ސިލްސިލާއެކެވެ.


މި ސިލްސިލާގެ ބޭނުމަކީ، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތަކާއި ރައްޔިތުންނާ ގުޅިފައިވާ މުހިންމު ޤައުމީ މައްސަލަތަކުގައި، އަޅުގަނޑުމެންނަށް ލިބި ހުރި ތަޢުލީމަކާއި ތަޖުރިބާއެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަ ރަޢުޔެއް އަދި ޚިޔާލެއް އާންމުކުރުމެވެ. އަދި ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ދުސްތޫރީ، ޤާނޫނީ އަދި އުސޫލީ ޙުކުމްތަކާއި ސިޔާސަތުތައް، ކަންކުރާންތިބި ބަޔަކުގެ ނަޒަރިއްޔާތު ފިޔަވައި، އެހެން ނަޒަރަކުން އާންމުކޮށް ދަފްތަރުކުރުމެވެ. އަދި ކޮންމެ މައްސަލައެއްގެ ޢިލްމީ އަދި ފަންނީ ތަފާތުތައް އަޅާކިޔައި، ޢިލްމީ އަދި ފަންނީ ވިސްނުންތަކަކުން ތަރާދުކުރުމެވެ. މި ލިޔުންތަކުގައި، ޤައުމީ ބޮޑެތި މައްސަލަތައް އުފަންވަމުން އަންނަގޮތާއި، މައްސަލަތައް ޙައްލުކުރެވިދާނޭ ގޮތާއި، އަދި މައްސަލަތައް ޙައްލުނުކުރެވި ގިނަދުވަސްވުމުން ދިމާވެދާނޭ ގޮންޖެހުންތަކަށް އަލިއަޅުވައިލެވޭނެއެވެ. އަދި ހަމައެއާއެކު ޤައުމީބޮޑެތި މައްސަލަތަކުގެ ސިޔާސަތުތައް އެކުލަވައިލެވުމުގައި ހުންނަންޖެހޭ ވިސްނުންތަކާއި މިނޫންވެސް ޢިލްމީ އަދި ފަންނީ ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި ޚިޔާލުފާޅުކުރެވޭނެއެވެ.


ޝައްކެއްނެތެވެ. އަޅުގަނޑުމެން މިއަދު މި ދެކޭ މަޤާމަށް ދިވެހިރާއްޖެ ގެނެވިފައިވަނީ ވަރަށްވެސް ގިނަ ބައެއްގެ މަސައްކަތުންނެވެ. ކާބަފައިންގެ ލެޔާއި ދައު އޮހޮރުވައިގެންނެވެ. ރޭތަކާއި ދުވާލުތައް ޤުރުބާންކޮށްގެންނެވެ. އެދުވަހުވެސް އަދި މިއަދުވެސް ދިވެހި ޤައުމުގެ ކަންކަން ދުނިޔޭގެ ތަރާދުތަކުން މިނާ ކިރަމުންދިޔައެވެ. ބޮޑެތި ނިންމުންތައް ނިންމަމުން ގެންގޮސްފައިވެއެވެ. އަދި އެއިން ކޮންމެ ބޮޑު އަދި ކުޑަ، ރަނގަޅު އަދި ގޯސް ނިންމުމެއްގެ އަސަރު ދިވެހި ޤައުމުގެ މިއަދުގެ ކަންތައްތަކުން ހުންނާނީ ފެންނާށެވެ. އެކި ކަންކަމުގައި އެކިވަރަށެވެ. އެކިގޮތަށެވެ.


މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހިރާއްޖެއަށް މިޒަމާނުގެ ޑިމޮކްރަސީއެއް ގެނެވުނުތާ މި ފާއިތުވަނީ 15 އަހަރެވެ. 2008 ވަނަ އަހަރު ތަޞްދީޤުކުރެވުނު، ޤާނޫނުއަސާސީއަކީ ދިވެހިދައުލަތަށް ވަރަށް ބޮޑެތި ދުސްތޫރީ އަދި އިދާރީ ބަދަލުތަކެއް ގެނުވައިފައިވާ ދުސްތޫރެކެވެ. އޭގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ދުސްތޫރީ އަދި ހިންގުމުގެ އޮނިގަނޑަށް، 180 ޑިގްރީގެ ބަދަލެއް ގެނުވި ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު މި ވޭތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ހިނގަމުންމިދާ ގޮތަކީވެސް ޢިލްމީ ނަޒަރިއްޔާތަކުން ނަޒަރުކޮށް ދިރާސާކުރަންޖެހޭ ކަމެކެވެ. އަދި މި އޮނިގަނޑު ތަންފީޛުވަމުންދާއިރު، ގެންގުޅޭ ތަރުޖަމާތަކާއި، އެ މައްޗަށް ޢަމަލުކުރެވޭ ގޮތްތަކަކީ ޤާނޫނުއަސާސީ އެ މައްޗަށް އެކުލަވައިލެވިފައިވާ މަޤްޞަދުތައްތޯވެސް، މިއީ ދިވެހިން މިއަދު ކުރަން ހަމަ އެންމެ ޖާއިޒު ސުވާލެކެވެ. ދިވެހި ދައުލަތް މިދަނީ ވަރުގަދަވަމުންތޯ ނުވަތަ ހަލާކުވަމުންތޯ މިއީވެސް ހަމަކުރަން އެންމެ ރަނގަޅު ސުވާލެކެވެ.

އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ކުށުގެވެއްޓާއި، އަންހެނުންނާއި ކުޑަކުދިންގެ ރައްކައުތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައްސަލަތައް ހިމެނޭގޮތުން، އިޖްތިމާޢީ މައްސަލަތަކާއި، އެ މައްޗަށް އެކުލަވައިލެވޭ ސިޔާސަތުތަކާއި އަދި ނިންމުންތަކުގެ މައްޗަށް ބަލައި، ޢިލްމީ ނަޒަރިއްޔާތަކުން ވާހަކަދެއްކުމަކީވެސް މިހާރަށް ކޮންމެހެން ބޭނުންކަމެކެވެ. ދިވެހި ޤައުމުގެ މުހިންމު އެތައް މައްސަލައެކެވެ. އިޤްތިޞާދީ ވެއްޓާއި ދަރަނީގެ ޙާލަތެވެ. ޤައުމީ ސަލާމަތާއި އަދި ބައިނަލްއަޤްވާމީ ގުޅުންތަކެވެ. މިއިން ކޮންމެ މައުޟޫޢަކީވެސް ޤައުމީ ފެންވަރުގެ އަދި ރައްޔިތުންގެ މަޞްލަޙަތުތަކާ ގުޅިފައި ހުރި މައްސަލަތަކެކެވެ.


މިހެންކަމުން، ޤައުމުގައި މިހުރި ބޮޑެތި މައްސަލަތަކަށް ފަންނީ އަދި ޢިލްމީ ނަޒަރަކުން ބަލައި، ޢިލްމީ ބަހުސްތަކެއް ކުރުމަކީ މިއަދު ދިވެހިރާއްޖޭގައި ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. މިފަދަ ޢިލްމީ މަޢުލޫމާތާއި ޚިޔާލުތައް މަޙްޟަރުކުރުމަކީ ތާރީޚަށްޓަކައިވެސް ކުރަންޖެހޭ ކަމެކެވެ. އަދި މިއީ ކިޔަވާކުދިންނަށާއި އަންނާން އޮތް ޖީލުތަކަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމެކެވެ. މިހާރު ކޮންމެ ކަމަކަށް އޮންނަ ސިޔާސީ ޕޯޑިއަމްތަކުގައި އަޑުގަދަކުރުމާއި ސިޔާސީ ހަށަވާދައަކީ، ކޮންމެ ކަމެއްގެ ޙައްލެއްކަމުގައި ބަލައި، އެ މޭރުމުން ވާހަކަދެއްކުމުން މުޖްތަމަޢުގެ ޙަޤީޤީ މައްސަލަތަކަށް ޢިލްމީ ޙައްލުތަކެއް ހޯދުން ވަނީ ކައިރިކަމަކަށްވުރެ ދުރުކަމަކަށް ވެފައެވެ.


އެހެންކަމުން، ޢިލްމީބަހުސް މި ސިލްސިލާއަކީ ދިވެހި ޤައުމަށް މިދެންނެވި ދާއިރާއިން ޚިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި، ﷲ ގެ ޙަޟްރަތުން ވާގި އެދި ފަށައިގަތުމަށް ގަސްދުކުރާ މަސައްކަތެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، މި މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުމެވެ. އާމީން


އުސްތާޛުނާއި ޢާލިމުން، އުދަބާއުނާއި ޝާޢިރުން

މުސްލިމްތަކުންގެ މުރުޝިދުން ޢިލްމީ ބަހުސްކުރާނެޔޭ

- ބޮޑުފެންވަޅުގޭ ސީދީ -

133 views1 comment

Recent Posts

See All

Constitutional Ammendment during Transition - Possible?

TRANSLATION Is there a legal basis for altering the Constitutional framework during a Constitutional Transitional Period? Aishath Azima Shakoor LLB (Hons)(Lon) LLM (UWA) The term "Constitutional frame

bottom of page